އާމިނަތު ޖަމީލް އިސްތިއުފާ ދޭން ޖެހޭނެތަ ނުވަތަ ޖެހޭނީ ވަކިކުރަންތަ
މިހާރު ދިވެހިރާއްޖޭގައި މިއޮތީ އެނާކީ ކަމާއި މެދު ޝައްކު ކުރާނެ މީހަކު ވަރަށް މަދެވެ. ސަރުކާރެއް އޮތުމުގެ އެއްވެސް ބޭނުމެއް މިހާރު ރާއްޖޭގައި ނެތެވެ. އިމިގްރޭޝަން ޑިޕާޓްމަންޓު ފޭލިވުމުގެ ސަބަބުން އެތަނުގެ ކަންތައް ބަލަހައްޓަން ހަވާލުކޮށްފައިވަނީ ސިފައިންނާ އެވެ. ހެލްތު މިނިސްޓްރީ ފޭލި ވުމުގެ ސަބަބުން އެތަނުގެ މަސައްކަތާއި ވެސް ހަވާލުވެ ޑެންގީ ހުމުން ރާއްޖެ ސަލާމަތް ކުރަން ވެސް މިހާރު ތިބީ ސިފައިންނެވެ. ސިފައިންނަކީ ރާއްޖެ ސަލާމަތް ކުރަން ހުވާ ކޮށްގެން ތިބޭ ބަޔަކަށް ވާތީ އެމީހުން އެކަން ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކެނެރީގޭ ނަޝީދުގެ ވެރިކަމަށް ތިންއަހަރު ވެސް ނުވަނީސް މިވަރަށް ސަރުކާރު ފޭލިވުމަކީ ހާދަހާ ބޮޑު ޖޯކެކެވެ. ޑެންގީ ހުމުގެ ރޯގާގެ ސަބަބުން ހެލްތު މިނިސްޓަރު އާމިނަތު ޖަމީލު އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު އެބަ ގޮވާލައެވެ. ނަމަވެސް އޭނާއަށް ކަހެރުވަކެކޭ ވެސް ހީނުވެއެވެ. މިއަށްވުރެ މާ ކުދިކުދި ކަންތަކާ ގުޅިގެން ވެސް ބޭރު ގައުމުތަކުގެ ވަޒީރުން އިސްތިއުފާ ދީފައި އެބަހުއްޓެވެ. މިސާލަކަށް 1988 ވަނަ އަހަރު އިގިރޭސި ވިލާތުގެ ޖޫނިއަރ ހެލްތު މިނިސްޓަރު އެޑްވީނާ ކިއުރީ ބިހުގައި ސެލްމޮނެއްލާ ހުރެޔޭ ބުނުމުން އުފެދުނު މައްސަލަގަނޑު ތެރޭ އޭނާ އިސްތިއުފާ ދިނެވެ. އާމިނަތު ޖަމީލު އިސްތިއުފާ ނުދިނަސް އޭނާ އެމަގާމަށް އައްޔަންކުރި މީހާގެ ވާޖިބެއް އެބައޮތެވެ. އެއީ ކެބިނެޓްގައި ރަގަޅަށް ވަޒީފާ އަދާ ނުކުރެވުމާއި ގުޅިގެން އޭނާ އެމަގާމުން ވަކިކުރުމެވެ. އާމިނަތު ޖަމީލު ރައްޔިތުންގެ މަޖިލީހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ފޭލިވެފައި ނުވާ ކަމަށެވެ. އާމިނަތު ޖަމީލު ވަޒީފާއިން ވަކި ނުކުރާނަމަ އޭގެ މާނައަކީ ރައީސް ނަޝީދު ވެސް ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންތައް ރަގަޅު ކަމަށް ގަބޫލު ކުރުމެވެ. އާމިނަތު ޖަމީލަކީ ހެލްތު މިނިސްޓަރުކަން އިންތިހާބަކުން ކާމިޔާބުކޮށްފައިވާ މީހެއް ނޫނެވެ. އޭނާއަކީ ރައީސްގެ ކެބިނެޓަށް ރައީސް އައްޔަންކޮށްފައިވާ މީހެކެވެ. މިހާތަނަށް ރައީސް ނަޝީދު ސިއްހީ ދާއިރާ ހިންގުމަށް އައްޔަންކުރަނީ މުޅިންވެސް ތާކުންތާކު ނުޖެހޭ މީހުންނެވެ. އެންސްޕާ ހިންގަން ހަވާލުކޮށްފައިވާ ވަހީދަކީ ވައްކަންކޮށްފައިވާ މީހެކެވެ. ނަމަވެސް އެތައް މިލިޔަން ރުފިޔާއެއްގެ ބަޖެޓަކާ ހަވާލުކުރީއެވެ. މީގެ މާނައަކީ ކިތަންމެ ކަރަޕްޓް މީހަކަސް އެއީ އެމްޑީޕީ މީހެއް ކަމަށް ވަންޏާ ރައީސް ނަޝީދަށް މައްސަލައެއް ނެތެވެ. ދެން ރައީސް އޮފީހުގެ ޕޮލިސީ ލިޔަން ހަވާލުކޮށްފައި ހުރި ބާރީ މަގާމަށް ފިޓު ނުވީމާ ގެންގޮސް ހެލްތު މިނިސްޓްރީގެ އިސް ވަޒީފާއެއް ދިނީއެވެ. ރައީސް އޮފީހުގެ ފާހާނާ ސާފުކުރަން ވެސް ފިޓު ނޫން މީހަކަށް ހެލްތު މިނިސްޓްރީގެ ސިޔާސަތު ހިންގަން ހަވާލުކުރީމާ އޭގެ މާނައަކީ ރައީސް ނަޝީދު ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއާއި މެދު އަޅާނުލަނީއެވެ. ނަމަވެސް މައުމޫނަށް ފާޑުކިޔަން ސަންގު ނެރުނު ދުވަސްވަރު “ދިވެހިރާއްޖޭގެ ސިއްހަތަށް ފަރުވާ ބޭނުން” ކަމަށް ސަންގުގެ ބޭރުގަނޑުގައި ޖަހާފައި އޮތެވެ.
Advertisement
leave a comment