Anarchist Radical Maldivian Youth

އެމްޑީޕީގެ ރައީސަކަށް ވާން އުޅޭ މީހާގެ ފަތިފުށް

Posted in political animals by maldivesarmy on April 28, 2011
އެމްޑީޕީއަކީ ސިޔާސީ ފިކުރެކެވެ. މިއަދު އެފިކުރާއި ހަވާލު ވުމަށް ތައްޔާރުވެފައި އެހެރީ އިބްރާހިމް ހުސައިން ޒަކީއެވެ. ދިވެހި ގައުމު މިހާތަނަށް ދުށް އެންމެ ކަރަޕްޓް އެއް އިންސާނާއެވެ. އޭގެ މާނައަކީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ކަރަޕްޝަނަށް މަރުހަބާ ކިޔަނީއެވެ. ރައީސް ނަޝީދު ޒަކީ ހޮވުމަށް ހޭބޯނާރާ މަސައްކަތް ކުރުމުގެ މާނައަކީ ރައީސް ނަޝީދު ކަރަޕްޝަނަށް ތާއީދުކުރަނީއެވެ. ތިރީގައި މިވަނީ މޯލްޑިވްސް ކަލްޗާ ކިޔާ ވެބްސައިޓެއްގައި 17 ޖުލައި 2004 ވަނަ ދުވަހު އިގިރޭސި ބަހުން ލިޔެފައިވާ މަޒުމޫނެއްގެ އެއްބައިގެ ތަރުޖަމާއެކެވެ. މިލިޔުން ވަނީ ދިވެހި އޮބްޒާވަރ ވެބްސައިޓުގެ ފޯރަމެއްގައި 2004 ވަނަ އަހަރު ޖުލައި މަހުގައި ވެސް ޝާއިއުކޮށްފައެވެ. މިލިޔުމުގައި ޒަކީގެ ކަރަޕްޝަނުގެ ވާހަކަތައް ވަރަށް ތަފުސީލާއި އެކުގައި ލިޔެފައިވެއެވެ. ނަމަވެސް މީގައި ނުލިޔާ ކިތަންމެ ވާހަކައެއްވެސް އެބަހުއްޓެވެ. މިސާލަކަށް ޒަކީ ޕްލޭނިން މިނިސްޓަރަކަށް ހުރެގެން އައްޑޫ ލިންކް ރޯޑު މަޝްރޫއުން ލާރިގަނޑެއް ކާލި ވާހަކަ މިލިޔުމުގައި ނެތެވެ.

“އިބްރާހިމް ހުސައިން ޒަކީ ޓޫރިޒަމް މިނިސްޓަރަކަށް ހުރި އިރު ސަންލޭންޑް ޓްރެވަލްގެ ފަރާތުން ވެލާވަރާއި، ކިހާދުއްޕަރާއި ދުނިކޮޅު މިތިންރަށް ހޯދުމަށް ލާން އުޅުނީ އެންމެ ބިޑެކެވެ. ޒަކީއަށް މިކަން އެގިގެން އޭނާއަށް ފައިދާވާ ގޮތަށް ކަންތައް ރާވާލިއެވެ.

ސަންލޭންޑްގެ މެނޭޖިން ޑިރެކްޓަރު ޝަބީރު އަހުމަދު މިތިން ރަށަށް ވަކި ތިން ޕްރޮޕޯސަލް ހުށަހެޅީ ޒަކީ ބުނެގެން ކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް އެފަހަރު ޝަބީރަށް ކާމިޔާބުވިއެވެ. އޭރު ޝަބީރު ބޭނުންވެފައި ހުރީ އެންމެ ރިސޯޓެކެވެ. މޭޒު އަޑިން ހެދި ޑީލްތަކަކަށް ފަހު ޒަކީ ޝަބީރަށް ވިސްނާދިނީ ކިހާދުއްޕަރުގައި ރިސޯޓެއް ހަދަން އަތަމާއަށް ދިނުމަށެވެ. ޒަކީގެ ދެއަނބިންގެ ތެރެއިން އެއް އަނބި މަސްއޫދާ އަކީ އަތަމާ އާއިލާ މީހެކެވެ.

ޝަބީރު ނެގީ ހަމައެކަނި ދުނިކޮޅެވެ. ދެން ވެލާވަރު އޭނާ ދިނީ ޒަކީއަށެވެ. ޒަކީ ވެލާވަރު ވިއްކާލީ ޗަމްޕާ ހުސައިން އަފީފަށެވެ. ވެލާވަރުގެ މައްސަލައިގައި ވީގޮތަކީ ޓޫރިޒަމް މިނިސްޓްރީގެ ރިސޯޓު ބިޑާއި ބެހޭ ކޮމިޓީގެ ބޮޑު މީހަކަށް ހުރި ޒަކީ ސަންލޭންޑަށް ތިން ރިސޯޓު ލިބުމުގެ ބޭނުންކޮށް ނާޖާއިޒު ފައިދާ ނަގާކަން އޭރުގެ ރައީސް މައުމޫނަށް އެގުނީއެވެ. ދެން މިކަން އޮއްބާލަން ޒަކީއަށް ޖެހުނީ އޭރުގެ ރައީސްގެ އެގްޒެކެޓިވް ސެކެޓްރީ އަބްދުއްލާ ޝާހިދާއި އޭރުގެ އެޓާނީ ޖެނެރަލް ޑރ މުހައްމަދު މުނައްވަރުގެ އެހީ ހޯދާށެވެ.

މިކަން އޮއްބާލުމަށް އަބްދުއްލާ ޝާހިދާއި މުނައްވަރާއި ދެމީހުންކުރެ ކޮންމެ މީހަކަށް ޗަމްޕާ އަފީފު 500،000 ޑޮލަރު ދިނެވެ. ހަމަ އެއަދަދަށް ޒަކީއަށް ވެސް އަފީފު ހުށަހެޅިއެވެ. ނަމަވެސް ޒަކީ ބޭނުންވީ އެއަށްވުރެ ގިނައިންނެވެ. ޗަމްޕާ އަފީފު ހުރީ ވެލާވަރު ހޯދަން ވަރަށް ބޭނުންވެފައި ކަމަށްވާތީ އެންމެ ފަހުން އޭނާ ޒަކީއަށް ހުށަހެޅީ ޒަކީގެ ގެ 8 ބުރިއަށް އިމާރާތްކޮށްދީ އެންމެ މަތީގައި ސްވިމިން ޕޫލެއް ހަދާދިނުމަށެވެ. ޒަކީ މިކަމަށް ދެން އެއްބަސްވެއްޖެއެވެ.

އެކަމަކު ޒަކީ 3 ރަށް ހޯދުމުން އެކަމާ އޭރުގެ ރައީސް މައުމޫން ހިތްހަމައެއް ނުޖެހުނެވެ. އެއީ ޒަކީ މައުމޫނަށް ބައި ނާޅާތީއެވެ. މިރަށްތަކުގެ މައްސަލައަކީ ޒަކީ އަށް ފަހުން ވެސް އުދަގުލަކަށް ވެފައި އޮތް ކަމެކެވެ. މައުމޫނު 2003 ނޮވެމްބަރުގައި ޒަކީ ކެބިނެޓުން ބޭރުކޮށްލި އެއް ސަބަބަށް މިކަން ވެދާނެއެވެ.

އިބްރާހިމް ހުސައިން ޒަކީގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި 14 ރަށެއް ރިސޯޓަށް ހެދުމަށް ބިޑަށް ލެވުނެވެ. ބައެއް ރިސޯޓު ހިންގާ މީހުން އަތުން ޒަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި އޭނާގެ ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން އެމީހުންނަށް ރިސޯޓު ހެދުމަށް ރަށްތައް ކާމިޔާބުކޮށްދިނެވެ.

އެދުވަސްވަރު ޒަކީއާއި އޭނާގެ އާއިލާ ވަރަށް ގިނައިން ޅޮހިފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރިއެވެ. އެރިސޯޓުގެ ވެރިން ޒަކީއަށް ވަރަށް ރަގަޅަށް މެހުމާންދާރީ އަދާކުރިއެވެ. މީގެ ބަދަލުގައި ޑިމްސްގެ ހިއްސާދާރުން ސޯލިހުއާއި އިބްރާހިމް ދީދީއަށް ކޮންމެ މީހަކަށް ރިސޯޓެއް އެފަހަރު ލިބުނެވެ. ރިސޯޓުތައް ދިން ފަހުން އެތައް ދުވަހެއް ވީފަހުން ވެސް ޒަކީއަށް ޑިމްސްއިން ޗެކު ލިބެމުންދިޔައެވެ.

ޒަކީއާއެކު ޒަކީގެ ރަހުމަތްތެރި އޭރުގެ ބަންޑާރަ ނައިބު ޑރ މުނައްވަރު ވެސް ރިސޯޓުތަކަށް ގޮސް ރާބޮއެ އުޅުނެވެ. މުނައްވަރު ވަނީ ސަންލޭންޑް ގްރޫޕާއި އާއިލީ ގޮތުން ވެސް ގުޅިފައެވެ. ސާދަ ރަށުގެ ތެރެއިން ސަންލޭންޑަށް ވެސް ރަށްތަކެއް ލިބުނެވެ.

ޒަކީގެ ކަރަޕްޝަނާއި މެދު އޭރުގެ ރައީސް މައުމޫން އަޅާނުލާ ހުއްޓަސް ޒަކީ ހުދުފުށީގެ ބިޑުގެ ކަންތައް ގެންދިޔަ ގޮތާއި މެދުގައި މައުމޫނު ހިތްހަމައެއް ނުޖެހުނެވެ. ގިރާވަރު ރިސޯޓު ހިންގާ އަބްދުލްރައޫފް އެރަށް ހޯދުމަށް ބިޑުކުރިއެވެ. މައުމޫނު ބޭނުންވީ ރައޫފަށް އެރަށް ކާމިޔާބު ވުމަށެވެ. ސަބަބަކީ މައުމޫނުގެ ދޮށީ ފިރިހެން ދަރި ފާރިޝް އިނދެގެން އުޅެނީ ރައޫފްގެ އަންހެން ދަރިއަކާ ކަމަށްވާތީއެވެ. ވީމާ ހުދުފުށި އަލުން ބިޑަށްލީއެވެ. ދެން ކާމިޔާބުކުރީ ރައޫފެވެ. އެކަމަކު އެތައް އަހަރެއް ވީއިރުވެސް ރައޫފް އެރަށުގައި ރިސޯޓެއް ނަހަދައެވެ. އެގްރިމެންޓާއި ހިލާފުވިޔަސް މައުމޫނު މިކަމާ އަޅައެއް ނުލައެވެ. ހުދުފުއްޓަކީ މަޑި ވިހާ ބޮޑުވާ ތަނަކަށްވާތީ ވަރަށް ގިނަ ދިވެހިން ބޭނުންވަނީ ރިސޯޓެއް ހެދުމުގެ ބަދަލުގައި އެތަން ރައްކާތެރިކޮށްފައި ބާއްވާށެވެ.

ރިސޯޓު ހެދުމަށް ރަށްތައް ހޮވިއިރު ތިމާވެއްޓަކަށް ނުބަލައެވެ. އިސްމާއިލް ފިރާގު ކަހަލަ ޓޫރިޒަމް މިނިސްޓްރީގެ ވެރިން ރަށްތައް ހޮވަން ވެގެން ބޮއެގެން ތިބެ ގޮސް ރަށްތައް ބަލާފައި ރަށްތައް ކަނޑައެޅީއެވެ.

ޒަކީ ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީގެ ތެރޭ އަދި ބޭރު ދުނިޔޭގައި ވެސް ވަރަށް މަގުބޫލެވެ. ކުރީގެ ސާކު ސެކްރެޓަރީ ޖެނެރަލްގެ ގޮތުން އޭނާ ވަނީ ކަންތައް ހާސިލުކުރާ މީހެއްގެ ގޮތުގައި ފާހަގަވެފައެވެ. އެހެން މިނިސްޓަރުން ޒަކީއާއި މެދުގައި ހަސަދަވެރިވެ އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް މަނިކު (މައުމޫނުގެ އަންހެނުން ނަސްރީނާގެ ޅިޔަނު ސަމަރޭ) ޒަކީއަށް ޓީވީއިން ވެސް ވަރަށް ފުރުސަތު ނުދެއެވެ.

ޒަކީގެ މަގުބޫލުކަމަކީ އެހެން މިނިސްޓަރުންނާއި މައުމޫނަށް ވެސް އޮތް ނުރައްކަލަކަށް ވިއެވެ. ވީމާ ޒަކީ ކެބިނެޓުން ބޭރުކޮށްލާނެ ކަމަށް ވާހަކަ ދެކެވުނެވެ.

1998 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު މައުމޫނު އޭނާގެ ކެބިނެޓު ނެގިއިރު ޒަކީ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓަށް ބަދަލުކުރިއެވެ. ބައެއް މީހުން ބުނާގޮތުގައި ޒަކީ ކެބިނެޓުން ބޭރު ނުކުރީ ޒަކީ އަކީ މައުމޫނުގެ ބަޔޯގްރަފީ “އަމޭން ފޯ އޯލް އައިލޭންޑްސް” ގެ އެއް މޭސްތިރިކަމަށް ވާތީއެވެ. މިފޮތް ލިޔުނީ ރޯއިސްޓަން އެލިސް ކިޔާ މީހެކެވެ. ފޮތަށް ހަރަދުކުރީ ޗަމްޕާ ހުސައިން އަފީފު ފަދަ މުއްސަދި ރިސޯޓު ހިންގާމީހުންނެވެ. މިއީ މައުމޫނުގެ ނަން މަޝްހޫރުކުރުމަށް ލިބުނު އިތުރު ބާރެކެވެ.

ހިންގާ މީހެއްގެ ގޮތުގައި ޕްލޭނިން މިނިސްޓަރުގެ ގޮތުގައި ވެސް ޒަކީ ފާހަގަވިއެވެ. އައްޑު އަތޮޅު ވިލިގިލީގައި ރިސޯޓު ހެދުމަށް ހެދި ކުންފުންޏެއްގެ ހިއްސާދާރުންނަށް ޒަކީއާއި މުނައްވަރު ވީވެސް މިދުވަސްވަރުގައެވެ. މިރިސޯޓު ހެދުމުގައި ސަރުކާރު ވެސް ހިއްސާ ވާތީއާއި އެކުގައި ޒަކީ މިކަމުގައި ބައިވެރިވީ މައުމޫނުގެ ރުހުމާއި އެކުގައިކަން އެގެއެވެ.

2003 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހުގައި މައުމޫނު ކެބިނެޓު އިއުލާން ކުރިއިރު ޒަކީއަށް ޖާގައެއް ނުދެއެވެ. މައުމޫނާއި އޭނާގެ ކޮއްކޮ އަބްދުއްލާ ހަމީދު، ހަމީދުގެ ދަރި ހަމްދޫނަށް ކެބިނެޓު މަގާމެއް ދޭން ބޭނުންވެފައި ތިބޭތާ އޭރު ދުވަސްތަކެއް ވެއްޖެއެވެ. އޭރު ޑެޕިއުޓީ ޕްލޭނިން މިނިސްޓަރަކަށް ހުރި ހަމްދޫން ބޭނުންވީ ހަމައެކަނި މަގާމަކީ ޕްލޭނިން މިނިސްޓަރުކަމެވެ.

ޒަކީއަށް އެހެން މިނިސްޓްރީއެއް ވެސް ހަވާލު ކުރެވިދާނެއެވެ. ނަމަވެސް މައުމޫނު އޭނާއަށް ދޭން އުޅުނީ އޭރު މައުމޫނު އުފައްދަން އުޅުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ޗެއާރޕާސަން ކަމެވެ. މިއީ ވަޒީރު ފެންވަރުގެ މަގާމަކަށް ނުވުމުން ޒަކީ އެކަން ގަބޫލެއް ނުކުރިއެވެ.

ޒަކީ ޕްލޭނިން މިނިސްޓަރަކަށް ހުރި އިރު މަގާމުގެ ނާޖާއިޒު ފައިދާ ނެގި އަނެއް ކަމަކީ ރީތި ރަށް ރިސޯޓު ބޮޑުކުރުމުގެ މަސައްކަތެއް ހުއްޓުވައިގެންނެވެ. އެރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅު މެންބަރު ތަސްމީނު އަލީގެ ބައްޕަ މިނާ ކުޑޭގެ ރިސޯޓެކެވެ. ރީތި ރަށުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ ހޯދައި ރައީސް މައުމޫނު އެކަމަށް އެއްބަސް ކުރުވުމަށް ޒަކީ ބޭނުންކުރީ ރައީސްގެ އެގްޒެކެޓިވް ސެކްރެޓަރީ އަބްދުއްލާ ޝާހިދާއި ޒަކީއާއި ދެމެދު އޮންނަ ރަހުމަތްތެރިކަމެވެ. މިކަމުގެ ބަދަލުގައި ރީތި ރަށުން ޒަކީ 2 މިލިޔަން ޑޮލަރު ހޯދިއެވެ.

ޒަކީ ޝާހިދަށް މިކަމުގައި ދިނީ ކިހާވަރެއްގެ ފައިސާއެއް ކަމެއް ނޭގެއެވެ. ހީވާގޮތުގައި މައުމޫނަށް ވެސް އެފަހަރު ބައި އެޅިއެވެ.

ކްލަބް މެޑުން ހިންގި ފަރުކޮޅު ރިސޯޓުގެ ކަންތައްގަނޑެއް ސަރުކާރުން ތަހުގީގު ކުރަމުން ދަނިކޮށް ޒަކީ އެކަން ހުއްޓުވީ ޒަކީއަށް 15،000 ޑޮލަރު ދިނުމުންނެވެ. މިއީ ޒަކީ ނަގަމުން ދިޔަ ބޮޑު ރިޝްވަތުތަކާ އަޅާކިޔާއިރު ކުޑަ އަދަދެއް ނަމަވެސް އޭނާގެ ކާރުތައް ބެލެހެއްޓުމަށް ފުދޭވަރެއްގެ އަދަދެކެވެ. ”

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.