ހޯމް މިނިސްޓަރު ޖީސަސް އަފީފަކީ ޔާމީންގެ އެޖެންޓެއް
ތުލުސްދޫއަށް ފުލުހުން ފޮނުވައި އެތަނުގައި ރައްޔިތުންނާ ފުލުހުންނާ ދެމެދު މާރާމާރީ ހިގަން ޖެހުނީ ޖީސަސް އަފީފުގެ ނޭއްގާނީ ސިޔާސަތުގެ ސަބަބުންނެވެ. ރައްޔިތުންނާ ކުރިމަތިލުމުގެ ސަބަބުން ފުލުހުންގެ އަގު ވެއްޓޭގޮތަށް ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް އަމަލުކޮށްފައިވަނީ ހޯމް މިނިސްޓަރުގެ އެންގުމަށެވެ. މިކަމާއި ދެކޮޅު ހެދުމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޝްވާން ސަސްޕެންޑް ކޮށްފިއެވެ. ރިޝްވާނަކީ މައުމޫނު ދުވަސްވަރު އުފެދުނު އެންމެ ނުރައްކާތެރި ސްޓާރ ފޯސްއަށް ޓްރޭނިން ދިން މީހާ ކަމަށް ވިޔަސް ފަހަކަށް އައިސް ފުލުހުންގެ ކިބައިގައި ހުންނަން ޖެހޭ ޑިސިޕްލިން ރިޝްވާންގެ ކިބައިން ދަނީ ފެންނަމުންނެވެ. އަދި ފުލުހުންގެ ތެރޭ އޭނާއަކީ އިހުތިރާމް ލިބިފައިވާ މީހެކެވެ. ފުލުހުންގެ އިސް އޮފިސަރުން ސިޔާސީ ސަބަބުތަކާހެދި ސިޔާސީ މީހުންގެ އޯޑަރަށް ސަސްޕެންޑް ކުރަން ފެށުމުން ގައުމު ވަރަށް ނުބައި ފައްތަރަކަށް ވެއްޓުނީއެވެ.
ޖީސަސް އަފީފް ތުލުސްދޫ މައްސަލައިގައި މިހާބޮޑަށް ތެޅިގަންނަ އެއް ސަބަބަކީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒޭނާއަށް ލަނޑެއް ދިނުމަށެވެ. މިނޫނަސް އެމްޑީޕީއާ ޑީއާރުޕީއާއި މައްސަލަ ޖެހޭ ކިތަންމެ ފަހަރެއް އާދެއެވެ. މިއީ ފުލުހުން ތުލުސްދޫއަށް ފޮނުވައިގެން ތަޅުދަނޑި ނުހިފެހެއްޓިޔަސް ސުލްހަވެރިކަމާ އެކު ހައްލު ކުރެވިދާނެ ވަރުގެ ކަމެކެވެ. މިކަމުގެ ފަހަތުގައިވަނީ ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އާއި ޕީއޭގެ ލީޑަރު އަބްދުއްލާ ޔާމީންއާއި ދެމެދު ފެށިފައިވާ ހަނގުރާމައެވެ. އަފީފް ކުރާ ހުރިހާ ކަމެއް އެކުރަނީ ޔާމީންގެ އޯޑަރަށެވެ. ޑީއާރުޕީގެ ފަރާތުން ތުލުސްދޫ މައްސަލައިގައި ކުރިޔަށް ނިކުމެ އެތިބީ ތަސްމީނަށް ތަބާވާ މީހުންނެވެ. ރޮޒޭނާއާއި އަލީ ވަހީދާއި މަވޯޓާ ޝަރީފެވެ. މިއީކީ އެމްޑީޕީގެ މަސްލަހަތު އޮތް ކަމެއް ނޫނެވެ.
މަޑޫގަލި ރިސޯޓަކީ ޖީސަސް އަފީފުގެ ހިއްސާ އޮންނަ ރިސޯޓެކެވެ. މިނޫނަސް މީނާގެ ކިތަންމެ ވިޔަފާރިއެއް އެބަ ހުއްޓެވެ. މިދިޔަ އަހަރު ރ އަތޮޅާއި ނ އަތޮޅުން ރިސޯޓު ހަދަން ރަށްތަކެއް އިއުލާން ކުރީ ވެސް އަފީފަށް ރިސޯޓުތަކެއް ހޯދާ ދިނުމަށެވެ. އަފީފުގެ ހިއްސާ އޮންނަ ކުންފުންޏަށް ދެތިން ރަށް ކާމިޔާބު ކުރެވުނެވެ. ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގައި ސަރުކާރަށް ފައިސާ ނުދެއްކިގެން ޓޫރިޒަމް މިނިސްޓްރީ ބައެއް ރަށްތައް ވަނީ އަތުލާފައެވެ. އަދި ފައިސާގެ ގޮތުން ތަންކޮޅެއް ދަތިކޮށް އުޅުނަސް މިދައުރު ނިމޭ އިރު މީނާ ވެސް ވަރަށް ބޮޑު މަހުޖަނަކަށް ވާނެއެވެ. އެމްޑީޕީގެ ހުރިހާ ސިއްރުތަކެއް ޔާމީނަށް ކިޔާދެމުން ގޮސް އެންމެ ފަހު ވަގުތު މީނާ ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ނުކުރާނެ ކަމެއް ވެސް ނޭގެއެވެ. ޔާމީންގެ މިނުބައި ނުލަފާ އެޖެންޓުގެ ކިބައިން އެމްޑީޕީ ސަލާމަތް ކުރުމަކީ އެމްޑީޕީގެ ހުރިހާ މެންބަރުންގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި ޖީސަސް އަފީފު ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ ކަރަޕްޝަނުގެ އަމަލުތައް ފަޅާއަރުވާލައި ތަހުގީގު ކުރަން ފެށުމަށް ދިވެހި ފުލުހުންނަށް އިލްތިމާސް ކުރަމެވެ.
leave a comment