މާލޭގެ މޭޔަރަކަށް ގޭންގް ސްޓާރެއް ހޮވައިފި
މާލޭގެ މޭޔަރަކަށް ގޭންގް ސްޓާރެއް ހޮވައިފިއެވެ. މާލޭގެ ކައުންސިލަށް ހޮވުނު މީހުންގެ ތެރޭ ވޯޓުލުމަށްފަހު މާލޭގެ މޭޔަރަކަށް ހޮވި ސަރަނގު އާދަމް މަނިކަކީ މާލޭގެ ގޭންގުތަކަށް އެންމެ ބޮޑަށް ހަރަދުކުރާ އެކަކެވެ. ސަރަނގު ކައުންސިލަށް ކުރިމަތިލައި ކެމްޕޭނު ކުރަމުންދިޔައިރު އޭނާގެ ޖަގަހަތަކުގައި ވެސް ގޭންގުތައް ހަރަކާތްތެރިވިއެވެ. އަދި ސަރަނގާއި ވާދަކުރި ޑީއާރުޕީގެ އައްސަދު ޝަރީފާއި އަމިއްލަ ކެންޑިޑޭޓު ޝެރިންނަށް ޖެއްސުން ކުރުމަށް ގޭންގުތައް ބޭނުންކޮށްފައިވެއެވެ. ސަރަނގާއި ގުޅިފައިވާ ގޭންގު ލީޑަރުންގެ ތެރޭ ޕީޓްރަލް ސަރަހައްދުގެ ގައްބަރޭ ހިމެނެއެވެ. ގައްބަރޭ ކަމެއްގައި ފުލުސް އޮފީހަށް ގެންދާއިރަށް އޭނާ ދޫކޮށްލުމަށް ސަރަނގޭ ފޯނުކުރެއެވެ. އެމްޑީޕީގެ ބޮޑުންނާއި ގޭންގުތައް ގުޅިފައިވާ މިންވަރުން މާލޭގައި ކުށް މަދުކުރުމަށް ހަރަކާތްތެރިވުމަށް ފުލުހުންނަށް ވެސް ވަނީ ނުކުޅެދިފައެވެ. ސަބަބަކީ ފުލުހުން ކިތަންމެ ހެޔޮ ނިޔަތެއްގައި މަސައްކަތް ކުރިޔަސް ސަރުކާރުގެ ބޮޑެތި މީހުންގެ ފޯނުކޯލްތަކުން ކުށްވެރިން ދޫކޮށްލުމަށް މަޖުބޫރުކުރާތީއެވެ. އެގޮތަށް އަމަލު ނުކޮށްފިނަމަ އާދައިގެ ފުލުސް އޮފިސަރެއްގެ ވަޒީފާ ގެއްލިދާނެތީއެވެ. ސަރަނގު އާދަމް މަނިކުގެ އިތުރަށް މާލޭގައި ގޭންގުތައް ގެންގުޅޭ އަނެއް މީހަކީ ރީކޯ މޫސާ މަނިކެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ރައީސެވެ. ފުލުހުންނަށް އަހަރެމެން އިލްތިމާސް ކުރަނީ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ސަރަނގޭ އާއި ރީކޯ މޫސަގެ ގޭންގުތަކުގެ ގުޅުންތައް ފަޅާއަރުވާލައި އެކަންތައް ތަހުގީގުކުރަން ފެށުމަށެވެ. އެކަން ކުރެވޭވަރުގެ ހެކި ފުލުސް އޮފީހަށް މިހާރު ލިބިފައި ހުންނާނެއެވެ. އެކަން ކުރެވޭ ވަރުގެ ހެކި އެމްއެންޑީއެފްގެ ކޮމިއުނިކޭޝަންސް ޔުނިޓްގައި ވެސް މިހާރު ހުންނާނެއެވެ. ސަރަނގޭ އާއި ރީކޯ މޫސަ މިކުޅޭ ކުޅިވަރުގައި ނިކަމެތި ރައްޔިތުން ހަލާކުވާތަން ބަލާކަށް އަހަރެމެން ދެން ނުތިބޭނަމެވެ. ފުލުހުންނާއި ސިފައިން ގައުމުގެ މަސްލަހަތު އިސްކުރާށެވެ. ރީކޯ މޫސަގެ ކާރުން ފެނުނު ރާފުޅިތަކުގެ މައްސަލަ ވެސް ސަރުކާރުން އޮއްބާލީއެވެ. ސަރުކާރުން ވެސް މިސްރާއި ޓިއުނީޝިޔާގައި ވީގޮތް އަދި ލީބިޔާގައި ވަމުންދާ ގޮތާއި މެދު ވިސްނާ ރަގަޅަށް ހޭއަރާ ތިބޭށެވެ. ކާނަލް ގައްޒާފީވެސް މީގެ މަހެއްހާ ދުވަސް ކުރިން މިހާރު ވަމުންދާގޮތް ވެދާނެ ކަމަށް ހިތަށް ވެސް އަރުވާ ނުލައެވެ. ރާއްޖޭގައި ވެސް ހިތަށް ވެސް ނާރާހާ އަވަހަށް ކަންތައް ބަދަލުވެގެން ހިގައިދާނެއެވެ.
Advertisement
leave a comment